އއ. ފެންފުށީގައި އައު މިސްކިތެއް އިމާރާތް ކުރުމަށް ކޭ އެންޑް އެފް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު އަކްރަމްއެވެ.
ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭނެއެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީ ކުރެވޭނެއެވެ.
މީގެ އިތުރުން މި މިސްކިތާއެކު އާ ހިނަވާގެއެއް އިމާރާތް ކުރެވިގެންދާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިޢުލާން ކުރައްވާފައެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު