ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިކްޓްރީގެ އާ ބޯޑުގެ ރައީސަކަށް އެމްޕީ ޝަރީފް

victory

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އާ ބޯޑުގެ ރައީސްކަމަށް ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފް އިންތިހާބުކޮށްފައިވާކަމަށް އެ ކުލަބުން ހާމަ ކޮށްފިއެވެ. މޯލްޑިވްސް މީޑިއާ ހައުސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިކްޓްރީން ވަނީ އާ ހިންގާ ކޮމިޓީ އިއުލާންކޮށް، އެ ކުލަބުގެ އައު ކޯޗުގެ މަގާމަށް ގެރީ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ.

ކުލަބުގެ ރައީސް ހުސެއިން އާދަމް ފިޔަވައި ދެން ތިބި ހުރިހާ ބޯޑު މެންބަރުން އިސްތިއުފާދިންކަން ކުލަބުން ބުނެއެވެ. މިކަމާ ގުޅިގެން އައިސްފައިވާ ބޮޑު ބަދަލުތަކުގެ ތެރޭގައި ސަރުކާރުގެ އިސް މުވައްޒަފުން ބޯޑުގައި ހިމެނުން ފާހަގަކޮށްލެވެއެވެ.

ނައިބު ރައީސްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އިންތިހާބުކޮށްފައިވާއިރު، އޭނާއަކީ ކުރިން ވިކްޓްރީގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ފަރާތެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމާއި އަބުދުﷲ ވަހީދް ވެސް ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކޮށްފައިވެއެވެ.

އާ ބޯޑުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ޝިއުރީ، އަދި ރައީސް އޮފީހުގެ މިނިސްޓަރު ހުސެއިން ފަހުމީ ހިމެނެއެވެ. ފަހުމީއަކީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ.

ޖެނެރަލް ސެކްރެޓަރީކަމަށް އާރްޑީސީގެ މުވައްޒަފު ހުޒާމް ހުސެއިން ހަމަޖައްސާފައިވާއިރު، ހަޒާންދާރުކަމަށް މުހައްމަދު މުޖާހު މުނީރު ހޮވިފައިވެއެވެ. ކުރިން ވިކްޓްރީގައި ހިދުމަތްކޮށްފައިވާ އަހުމަދު ރިޔާޒު، އަހުމަދު އަރީޝް އަދި އައިޝަތު ރައިހާނާ ވެސް ބޯޑު މެންބަރުންގެ ގޮތުގައި ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ޝަރީފް ވިދާޅުވީ އާ ބޯޑުގެ މައިގަނޑު މަގުސަދަކީ ވިކްޓްރީ ކުރިން ހުރި ކާމިޔާބު ހިސާބަށް އަލުން ގެނައުން ކަމަށެވެ. “ވިކްޓްރީ އަކީ ދިގު މާޒީއެއް އޮތް ކާމިޔާބު ކުލަބެއް. އެހެންކަމުން އަލަށް އިންތިހާބުވި އެކްސްކޯގެ އެންމެ ބޮޑު ބޭނުމަކީ އަދި އެންމެ ބޮޑު އުންމީދަކީ ވެސް ވިކްޓްރީ ކުރިން އޮތް ހިސާބަށް އަލުން ގެންގޮސްދިނުން،” ޝަރީފް ވިދާޅުވިއެވެ.

ވިކްޓްރީ މިހާ ހިސާބަށް އައިސްފައިވަނީ ކުލަބުގެ ދެގޮތެއް ނުވެ ތިބި ސަޕޯޓަރުންގެ އެއްބާރުލުމުގެ ސަބަބުން ކަމަށް ވެސް ރައީސް ޝަރީފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޯޗު ޖޯޖްލީ ވިކްޓްރީ އާއި ހަވާލުވެއްޖެ