ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް: ޠާރިޤު

Thoriq Ibrahim, Minister Of Climate Change, Environment And Energy, Maldives Financial System Reform 29 Oct 2024

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކުގެ ބުރަ މަސައްކަތުން މިއަދު ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަމަށާއި އެ ދާއިރާއަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ދަށުން ވެށި ހިމާޔަތްކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ސަގާފަތް ދިރުވައި އާލާކުރުމަށާއި ފަތުރުވެރިކަމުގެ ފައިދާ މުޖުތަމަޢުގެ ހުރިހައި ފަރުދުންނަށް ކުރުމަށް ގޮވާލާ ކަމަށާއި އެއީ ރާއްޖޭން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް އެއްގޮތް ކަންތައްތައް ކަމަށެވެ.

ބައިނަލްއަގުވާމީ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު މިއަހަރު އެކި ޤައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 3-5 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ކުރިއެރުން މިއަދު ރާއްޖެއިންވެސް ފެންނަމުންދާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ރާއްޖޭން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއެކު ވެށި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަގާފަތާއި ވެށި ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށްވެސް ވަޒީރު ޠާރިޤުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން އިންވެސްޓް ކުރާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އައިޓީބީ ބާލިން ފަށައިފި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ކުއީން އޭން ކްރޫޒްލައިން ރާއްޖެއަށް 2،669 ފަތުރުވެރިން ޒިޔާރަތްކުރި