ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޕެސެންޖާ ޓާމިނަލް، އިން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިގޮތުން އައު ޓާމިނަލުން ބަޓިކް އެއަރ އަދި ބެންކޮކް އެއާވޭސްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.
26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ބަޓިކް އެއަރ އަދި ބެންކޮކް އެއާވޭސް އަކީ ވީއައިއޭގެ ޓީ1 އިން ޚިދުމަތް ދޭން ފެށި ހަ އަދި ހަތް ވަނަ އެއާލައިނެވެ.
ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ހިޔާލު