ހުޅަނގުގެ ބައެއް ބޮޑެތި ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ބުނެފިއެވެ.
ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާން ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހަމާސްއިން ބުނެފައިވަނީ، މި ނިންމުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމާއި، މުގައްދަސް ތަންތަނުގެ ހައްގު ކަށަވަރުކޮށްދިނުމާއި، ފަލަސްތީނުގެ މިނިވަން ދައުލަތާއި، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހެދުމުގެ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
ފަލަސްތީނުގެ ދައުލަތް މިއަދު ބަލައިގަތް ޔޫކޭ ނުވަތަ އިނގިރޭސިވިލާތަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމެކެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަކި ދައުލަތެއް އުފެއްދުމުގެ ޚިޔާލާއި، އެކަމުގެ ގަރާރު ހުށަހެޅި ގައުމަކީވެސް އިނގިރޭސިވިލާތެވެ.
ހަމާސްއިން ބުނެފައިވަނީ، ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ މައުނަވީ އަދި އަމަލީ ނަތީޖާއަކަށް ވާންޖެހެނީ ޣައްޒާގައި ހިންގާ ނަސްލުނައްތާލުން ހުއްޓުމަކަށް ގެނައުމަށް ފިޔަވަޅުތައް އަޅަން ފެށުން ކަމަށެވެ.
ހަމަ އެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވަންވެސް ޖެހޭނޭ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
ހަމާސްއިން އދއަށާއި، ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައިވަނީ، އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވަން އިސްރާއީލަށް އަދަބުދީ، އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ހާޟިރު ކުރުމަށެވެ.
އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމާ ރުޅިއައިސް އެކްސްގައި ރައްދު ދެމުން އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ބުނެފައިވަނީ، “ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ލާހިކަކުޅަދާނައެއްނޫން” ކަމަށެވެ.
ގަލަންޓަކީ، ޣައްޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމެކެވެ.
މިހާރު އެމެރިކާގައި ހުރި ބޮޑު މުޖުރިމު ނަތަންޔާހޫވެސް ބުނެފައިވަނީ، އެއީކީ ވާނޭކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު