ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު ފަހުމުނާމާއެއްގައި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ. އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދުކަމަށް ބެލެވެއެވެ. މި މަޝްރޫޢު ފެށުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މި ފަހުމުނާމާގެ ދަށުން، މި މަޝްރޫޢުގެ ތަފްޞީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިޤްތިޞާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫޢު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިޤްތިޞާދު އާލާކޮށް، ގިނަ ފުރުޞަތުތަކެއް އުފެއްދުމެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޚާއްޞަ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު