ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަޑަޖެހުމުގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަނޑަޖެހުމުގެ މަސައްކަތްތައް އެ ވުޒާރާ އިން ވަނީ މިއަދު ފަށާފައި ކަމަށެވެ.
އަދި ބުނީ އިން ވަކިކޮށް ނިމޭބިންތައް އޭގެ ވެރިފަރާތްތަކާއި އެ ވުޒާރާއިން ގުޅައި އެފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށޭ ހަފްތާތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތައް ގެނެސް ގުރު ނެގުމުން ގޯތި ލިބުނު ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. އެ ޕްލޮޓްތައް ކަނޑައެޅުމުގެ ގުރުނެގުން ކުރިއަށް ގެންދިޔައީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީ ދޫކުރަން ފަށާފަ އެެވެ. އެ ވުޒާރާ އިން ބުނީ މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައިވާ ކަމަށެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އެދި ގޯތީގެ ވެރިފަރާތުން އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ރަޖިސްޓްރީ ހަވާލުކުރުމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު