އިސްތިއުމާރީ އިސްރާއީލުގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުންތަކާއި، ސެކިއުރިޓީ ކެބިނެޓް ބައްދަލުވުންތައް ބާއްވާތަން ބަދަލުކޮށް، ސިއްރުކޮށްފިއެވެ.
ކެބިނެޓާއި، ސެކިއުރިޓީ ކެބިނެޓް ބައްދަލުވުންތައް ބަދަލުކޮށްފައިވަނީ “ރައްކާތެރި” އެހެން ތަނަކަށް ކަމަށް، އިސްރާއީލުގެ ޗެނަލް12 ޓީވީން ބުނެފައި ވެއެވެ.
މިއީ، މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލު ސިފައިން ޔަމަނުގެ ވެރިރަށް ސަންޢާއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި، ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ މަދަނީ ސަރުކާރުގެ ބޮޑުވަޒީރާއި، ކެބިނެޓް އެތައް މެމްބަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހޫޘީން ދީފާނޭ ހަމަލާއަކުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ވެއެވެ.
ކެބިނެޓް ބައްދަލުވުން ހިނގަމުންދިޔަ އިމާރާތަށް އިސްރާއީލުން ދިން ހަމަލާތަކުގައި ބޮޑުވަޒީރު އަހްމަދު އަލް-ރަހަވީ އާއި، ދިފާއީ ވަޒީރާއި، ސިފައިންގެ ވެރިޔާއާއި، ޗީފް ސްޓާފާއި، އެނޫންވެސް ކެބިނެޓް ބޭފުޅުން އަވަހާރަވެފައި ވެއެވެ.
މި ހަމަލާތަކާ ގުޅިގެން، ހޫޘީން ގާއިމްކޮށްފައިވާ މަދަނީ ސަރުކާރުގެ ރައީސް އަދި ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝްއަތު، ގައުމާ މުޚާތަބު ކުރައްވަމުން، އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައި ވެއެވެ.
ބޮޑުވަޒީރާއި، ކެބިނެޓް މެމްބަރުން އަވަހާރަކޮށްލުމަކުން ޔަމަނުގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، ކުރިއަށް ހުރީ އިސްތިއުމާރީ އިސްރާއީލަށް ނާމާން، ކަޅު ދުވަސްތަކެއް ކަމަށް ވިދާޅުވެފައި ވެއެވެ. ހޫޘީންގެ ބަދަލުހިފުން ލަސްނުވާނޭ ކަމަށްވެސް، ޔަމަނުގެ ރައީސް ވިދާޅުވިއެވެ.
ޔަމަނުގެ ރައީސްގެ އިންޒާރުތަކުގައި، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން ތިބި ޒަޔަނިސްޓުންނަށް، އެ ބިމުން ފައިބައި އެބައެއްގެ ގައުމަށް އެނބުރި ދިއުމަށް އަދިވެސް ކުޑަ ފުރުސަތެއް އެބައޮތް ކަމަށް ވިދާޅުވިއެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމްވެ ތިބި ބޭރުގެ ކުންފުނިތައްވެސް، މާ ލަސްނުވަނިސް ފައިބައިގެން ދިއުމަށް، ޔަމަނުގެ ރައީސް އިންޒާރު ކުރައްވާފައި ވެއެވެ.
މިފަހަރުގެ ހަމަލާތަކުގައި، ފަލަސްތީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ ޒަޔަނިސްޓު ވަގުތީ ދައުލަތް މުލުން ލުހެލާނެކަމަށް، ޔަމަނުގެ ރައީސްގެ އިންޒާރުގައި ވެއެވެ.
ޔަމަނުގެ އިންޒާރުތަކާ ގުޅިގެން އިސްތިއުމާރީ ބާރުން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
އިސްރާއީލުގެ ރަށްތަކަށް ހަމަލާދިނުމަށް ޔަމަނުގެ ހޫޘީން މިފަހުން ބޭނުންކުރަން ފެށި ހަތިޔާރުތަކާ ގުޅިގެންވެސް އިސްރާއީލުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާކަން، އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. ހޫޘީން ފޮނުވަންފެށި ކްލަސްޓަރ ބޮން ހިމެނޭ މިސައިލާއި، ޑްރޯންތައްވެސް، އިސްރާއީލުގެ އެއަރ ޑިފެންސަށް ވައްޓައެއް ނުލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު