ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ދޫކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ޙާލަތަށް ރިޢާޔަތްކުރެވި، ރަށު ކައުންސިލުން ކަނޑައަޅާ އުސޫލުތަކަށް ޢަމަލުކުރައްވާނެ ކަމަށާއި، ރައްޔިތުންގެ އެފަދަ ނިންމުންތަކަށް އިހްތިރާމްކުރުމަކީ ސަރުކާރުގެ ސިޔާސަތުކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ތުޅާދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ތުޅާދޫގައި އައު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އިއުލާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެފަދަ މަޝްރޫޢުތަކުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފްލެޓް ރައްޔިތުންނާއި ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް، ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކަށް ސަރުކާރުން އިހްތިރާމްކުރައްވާނެކަމަށެވެ. އަދި، އެއީ ސަރުކާރުން ކޮންމެ ރަށެއްްގައި އަމަލުކުރާނޭ ސިޔާސަތުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާ ކަމަށާއި، އެކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތުޅާދޫގެ އެއާޕޯޓް މަޝްރޫޢު ވަނީ ފައްޓަވައިދެއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާޕޯޓް މަޝްރޫޢު ފަށައިގެން، ހުއްޓުމެއްނެތި މަސައްކަތް ނިންމައި، އެއާޕޯޓް ހުޅުވިގެންދާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ސިއްހީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނެސްދެއްވާނޭކަމަށެވެ. އެގޮތުން، ރަށުގެ ޞިއްޙީ މަރުކަޒުގައި ސްޕެޝަލިޓީގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ކަނޑައަޅާފައިވާނޭ ކަމަށާއި އޭގެ ދަށުން އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުންގެ ޚިދުމަތް ފެށިގެންދާނޭކަމަށް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ އިއްޔެ ހެނދުނުއެވެ. މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.