މާލޭ ސްޕޯޓްސް ކްލަބުން ޤައުމީ ކްރިކެޓް މުބާރާތް، ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އެ ކްލަބުން މި މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ސީބީއެލް ސްޕޯޓްސް ބަލިކުރުމަށްފަހުއެވެ.
ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ސީބީއެލްގެ މައްޗަށް މާލޭ ސްޕޯޓްސް ކްލަބުން ކުރި ހޯދީ 4 ވިކެޓުންނެވެ.
ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސްއިން ނިންމީ ހޮވުމަށެވެ. އެގޮތުން ސީބީއެލް ކުޅެން އަރައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. ސީބީއެލްއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ އާޝާން ޔަޕާއެވެ. އޭނާ ވަނީ 39 ބޯޅައިން 52 ލަނޑު ހަދާފައެވެ. އަދި މި އިނިންގްސްގައި މާލޭ ސްޕޯޓްސްގެ މުޙައްމަދު މަޙުފޫޒް ވަނީ ތިން ވިކެޓު ނަގާފައެވެ. މީގެ އިތުރުން، އެ ކްލަބުގެ މުޙައްމަދު ޝިޔާމާއި އިރުފާން އާލަމް ވަނީ ދެ ވިކެޓު ނަގާފައެވެ.
ފަހު އިނިންގްސްގައި ކުޅެން އަރައި މާލޭ ސްޕޯޓްސްއިން ވަނީ 17.5 އޯވަރުން 6 ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދާފައެވެ.
މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ރިޝްވާންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ރިޝްވާން ވަނީ 46 ބޯޅައިން 61 ލަނޑު ހަދާފައެވެ.
މުބާރާތުގެ ފާހަގަކޮށްލެވޭ މަޤާމުތައް:
އެންމެ މޮޅު ބެޓްސްމަން: އިސްމާއިލް ޢަލީ
އެންމެ މޮޅު ބޯލަރު: ޕާންޑުކާ ދިލްޝާން
އެންމެ މޮޅު ފީލްޑަރ: ދިލްޝާން ފެނާންޑޯ
އެންމެ އުންމީދީ ކުޅުންތެރިޔާ: ރަޔާން ތޮލްހަތު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ތަރަކަ ރުވާން
މި އަހަރުގެ ޓީ20 ޕްރިމިއާ ލީގު ކާމިޔާބުކުރީ މިލާނުންނެވެ. މި އަހަރުގެ ތައްޓާއެކު އެ ޓީމު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފައެވެ. ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނީ، ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޗެމްޕިއަން މިލާނާއި ދެވަނައަށް ދިޔަ ސީބީއެލް އަދި ތިންވަނައަށް ދިޔަ ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކްލަބެވެ.
ކިޔުންތެރިންގެ ހިޔާލު