ކެބިނެޓުގައި ހިމެނޭ ހަރުކަށި މިނިސްޓަރުން ރުއްސުމަށްޓަކައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފަލަސްތީނުގެ ހުރިހާ ބިންތަކަށް އިސްރާއީލުން ވެރިވެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ރޭގައި ބޭއްވި ސެކިއުރިޓީ ކެބިނެޓް މީޓިންގައި މަޝްވަރާ ކޮށްފައިވެއެވެ. އިސްރާއީލުގެ މީޑިއާއިން މިކަން ރިޕޯޓްކޮށްފައި ވެއެވެ.
މަޝްވަރާކުރީ، ކުރިން ވާހަކަ ދެއްކިގޮތަށް ޣައްޒާގެ ބިމުން ބައެއް ހިފުމާ ގުޅޭގޮތުން ނޫން ކަމަށް، މީޑިއާއިން ބުނެއެވެ. ނަތަންޔާހޫ ހުށަހަޅާފައިވަނީ ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަތުމާ ގުޅޭގޮތުން ކަމަށް ވެއެވެ.
އަދި، ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަނެ، އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމުގެ ޕްލޭނެއް އެކަށައަޅަންވެސް ވާހަކަ ދައްކާފައި ވެއެވެ.
މިއީ، ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި މިނިސްޓަރުން ތަކުރާރުކޮށް ގޮވާލަމުން އަންނަ ކަމެކެވެ. އޭގެ ތެރޭގައި، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި އަދި އެނޫންވެސް ބައެއް މިނިސްޓަރުން ހިމެނެއެވެ.
އެމީހުން ފުރަތަމަ ދުވަހުން ފެށިގެން ނަތަންޔާހޫއަށް ގޮވާލަމުން ގެންދަނީ ޣައްޒާ އެއްކޮށް ހިފުމަށާއި، އާބާދީތައް ހަދައި، ޔަހޫދީން ޣައްޒާގައި ވަޒަންވެރި ކުރުމަށެވެ. އަދި ޣައްޒާގައި ފަލަސްތީނުގެ އެކަކުވެސް ހުރެގެން ނުވާނޭ ކަމަށް ބުނެއެވެ.
ނަތަންޔާހޫގެ ޕްލޭންގެދަށުން، ޣައްޒާގައި އިސްރާއީލު ސިފައިން އެއްގަމުމަގުން މިހާތަނަށް ވަދެގެންފައި ނުވާ ހުރިހާ ހިސާބަކަށް ވަދެގަންނާނެއެވެ. އަދި، ހަމާސްއިން ހައްޔަރުކޮށްގެން ގެންދިޔަ އިސްރާއީލު ގައިދީން ތިބި ކަމަށް ޖާސޫސީ މައުލޫމާތު ލިބޭ ހުރިހާ ހިސާބެއް ބަލައި ފާސްކުރަންވެސް ވަނީ ވާހަކަ ދައްކާފައެވެ.
ޣައްޒާގައި އިސްރާއީލު ސިފައިން އެއްގަމުމަގުން އަރައި ނުގަންނަ ސަރަހައްދުތަކުގެ ތެރޭގައި، ޣައްޒާގެ މެދުތެރޭ ރަށްތައް ހިމެނެއެވެ.
ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަތުމަށާއި، ޣައްޒާ އެއްކޮށް ހިފުމުގެ ޕްލޭނެއް އެކަށައަޅަން ނަތަންޔާހޫ އޭނާގެ ކެބިނެޓުގައި ވާހަކަ ދައްކައި، ޕްލޭނެއް އެކަށައަޅަން މަސައްކަތް ފެށިއިރު، ދުނިޔޭގެ ޕްރެޝަރާހެދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އިތުރުކުރަން އިސްރާއީލަށް ވަނީ މަޖުބޫރު ވެފައެވެ.
ދެމިލިއަނަށްވުރެ ގިނަމީހުން ބަނޑުހައިހޫނުކަމުގައި ތިބިއިރު، ކާއެއްޗެއް ނުލިބި، ކުޑަކުދިންނާއި އާންމުން މަރުވާން ފަށާފައި ވެއެވެ.
މި މައްސަލާގައި، ކުރިން އިސްރާއީލަށް ވާގިވެރިވެ ތާއީދު ދެމުންދިޔަ އެތައް ގައުމަކުންވެސް އިސްރާއީލަށް ދެކޮޅަށް މިހާރު ތެދުވެފައިވެއެވެ.
ޣައްޒާގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެތައް ސިޓީއެއްގައި ބޮޑެތި ގަތުލުއާންމުތަކެއް ހިންގައި، އެ ސިޓީތަކުން އާންމުން ފައްސައި ނެރެލައި، އިސްރާއީލުގެ އާބާދީތައް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު