ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ޚިދުމަތް މިމަހުގެ 28ވަނަ ދުވަހު ބ.އަތޮޅުގައި ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މިޚިދުމަތް ފަށާ 11ވަނަ އަތޮޅެވެ.
ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ޚިދުމަތް ފެށުމަށް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ޚިދުމަތަށް މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެއަތޮޅުގައި ޚިދުމަތް ފަށާއިރު، ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ. ޚިދުމަތަށް ބޭނުންކުރާ 2 ލޯންޗް އެ އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.
ޚިދުމަތް ފަށާ، ފުރަތަމަ ހަފްތާގައި ކުރިއަށްގެންދާނީ އަހުލުވެރިކުރުމުގެ ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ، ކޮންމެ ރޫޓެއްގައި ހިމެނޭ ހުރިހާ ރަށަކަށް ވަކި އަދަދަކަށް ޖާގަ ކަނޑައަޅައިގެންނެވެ. ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ރައްޔިތުން އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުން ކުރިއަށްގެންދާނެއެވެ. އެގޮތުން ކައުންސިލްތަކާއި ރަށްރަށުގެ މުއައްސަސާތަކަށް މަޢުލޫމާތުދިނުމުގެ ސެޝަންތައް ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. އެ އަތޮޅުގެ އާބާދީ 12000އިން މައްޗަށް އަރައެވެ.
އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.
އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ރ.އަތޮޅުގެ ރަށްރަށަށެވެ. މި ޚިދުމަތަކީ އަތްފޯރާ އަގެއްގައި ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު