އެމްއެންޑީއެފްގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ހާދިސާގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އެމީހާގެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.
އެ ހާދިސާއާ ގުޅިގެން މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ މޯޝާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ ސިވެކްގެ ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށެވެ.
އޭގެން ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަކުރުމަށާއި އަދި އެކަމާ ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ވެސް މޯޝާ އިން ވަނީ ގޮވާލައިފައެވެ.
މޯޝާ އިން ބުނީ އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ އަދި ބިދޭސީއަކު ގެއްލުނު އިރު، އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުންދާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
މޯޝާގެ ބަޔާނުގައި ބުނީ ގެއްލުނު ބިދޭސީ މީހާ އެ ހާދިސާ ހިނގި ވަގުތު ހުރީ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތުދިން ނަމަވެސް، ކޮޅިވެއްޓީގައި ތިބި ބިދޭސީންނަކީ އާންމުންކަމެއް ނުވަތަ ބިދޭސީ ސިފައިންކަމެއް ބުނެފައިނުވާ ކަމަށެވެ.
ގެއްލިފައިވާ ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު ފަދަ އަސާސީ މައުލޫމާތު ވެސް އެމްއެންޑީއެފުން ހާމަކޮށްފައި ނުވާ ކަމަށާއި އެ އަމަލަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެއީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް ވެސް މޯޝާ އިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު