ހަލާލް ޓޫރިޒަމާއެކު ރާއްޖޭގެ ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިއުލާންކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓެއް ހަލާލު ޓޫރިޒަމަށް ހުޅުވާލައިފަ އެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހަލާލު ޓޫރިޒަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ ރިސޯޓުތަކުގައި ވިއްކޭނީ ވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި އެކަނި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ އަމާޒު މިހާރު ހުރީ ޙަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޙަލާލް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޚާއްޞަކޮށް ގިނަ ރަށްތަކެއް ސަރުކާރުން ކަނޑައަޅާއިރު އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު