ކުރިއަށް 24 ގަޑިއިރު އުތުރާއި މެދެރާއްޖެތެރެއަށް މޫސުން ގޯސް ވާނެ ކަަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީގެކުރިން ވަނީ ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ދިޔަވަރު ބޯޑުވާ ވަގުތުތަކުގައި މާލޭ ކާނިވާ ސަރަހައްދައް ވަރަށް ބޮޑަށް އުދަ އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް 23.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު