ބައެއް ބޮޑެތި ރިސޯޓުތަކުން ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އެއީ މަކަރާއި ހީލަތް ހެދުން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިރޭ އެކްސްގައި ވިދާޅުވީ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ޑޮލަރުން އެމްއެމްއޭއަށް މާރުކުރުމުން ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، އަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި “ކެޓެގަރީ އޭ” ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުން ކަމަށެވެ.
ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުން މުވައްޒަފަށް ސާވިސް ޗާޖް ދޭންޖެހޭނީ ޑޮލަރުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ޑޮލަރުން ނޫންގޮތަށް މުވައްޒަފަށް ސާވިސްޗާޖް ދިނުމަށް އިންކާރުކުރާނަމަ، އެއީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށްފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ގާސިމް ވިދާޅުވިއެވެ.
“މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުވައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ،” ގާސިމް ވިދާޅުވިއެވެ.
މުވައްޒަފުންނަށް ސާވިސްޗާޖު ރުފިޔާ އިން ދޭގޮތަށް ބަދަލުކުރި ރިސޯޓުތަކުގެ ތެރޭގައި ޔުނިވާސަލްގެ ރިސޯޓުތައް ވެސް ހިމެނެއެވެ.