މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ ފުލުހުން ދެއްކި ވާހަކަތައް އާއިލާއިން ދޮގުކޮށްފި އެވެ.
ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ޔުމްނުގެ ބަޔާން ނަގަން ތަކުރާރުކޮށް ކުރި މަސައްކަތް ވެސް އާއިލާގެ އެއްބާރުލުން ނުލިބޭތީ ކާމިޔާބުވާގޮތް ނުވި ކަމަށެވެ. އެހެންވެ، މެލޭޝިޔާ ފުލުހުންގެ އެހީގައި ބަޔާން ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިކަމާ ގުޅޭގޮތުން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް މިއަދު ވަނީ ސިޓީ އެއް ފޮނުވައިފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، އެ މައްސަލާގައި ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގެއް ނުހިންގާ، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް ދެކޭ ކަމަށް ވެސް އާއިލާގެ ސިޓީގައިވެއެވެ.
ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އާއިލާ އަށް ނެތް ކަމަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށް އެ ސިޓީގައިވެ އެވެ.
“ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށްޓަކާ ރަސްމީގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާ އަށް އަންގާފައެއް ނުވެ އެވެ. ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި ދަންނަވަމެވެ.” ޔުމްނުގެ ދައްތަ އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ސޮއިކޮށް ފުލުހުންނަށް ފޮނުވި ސިޓީގައިވެ އެވެ.
އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ފުލުހުން ބުންޏަސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު ޔުމްނުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅު ގަޑިއިރެއްހާ އިރަށް ބައްދަލުކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުން އެދިފައި ނުވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
“އަދި ހައްވާ ޔުމްނު ރަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމުގައި ދަންނަވަމެވެ.” އެ ސިޓީގައިވެއެވެ.
މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށް ޔުމްނުގެ އާއިލާ އިން ބުންޏެވެ.
ޔުމްނުގެ ދައްތަ މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޔުމްނުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި އޭނާއަށް މިހާރު ވާހަކަދެކެވޭ ކަމަށާއި ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނާ ކަމަށް ދައްތަ ބުންޏެވެ. ނަމަވެސް ވެއްޓުނު ގޮތެއް ކިޔައެއް ނުދެ އެވެ.
ޔުމްނު ވެއްޓުނު މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް ނެތެވެ. ޔުމްނު ވެއްޓުނު ރޭ ހ. ހެންވޭރުގެ ގެއްގައި ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅެފައި ވަނީ އެންމެ މީހެއްކަން ސީސީޓީވީ ފްޓޭޖުން ކަށަވަރުވެ އެވެ. އެއީ ރައުދު އަހްމަދު ޒިލާލު އެވެ. އޭނާ ވަނީ ހައްޔަރުކޮށްފައެވެ.