އެމްޓީސީސީގެ އަމާޒަކީ 2028 ގެ ފަހު ކުއަޓަރއާއި ހަމައަށް ދާއިރު، މިހާރު އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢެއްވެސް ނިންމުން ކަމަށް އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެވެ.
އެމްޓީސީސީއަކީ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ޕީއެސްއައިޕީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު މިމަޝްރޫޢުތައް އަވަހަށް ނިންމުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޙާއްސަ އިސްކަމެއް ދީގެން އެކުންފުނިން ބައެއް މަޝްރޫޢުތައް ހިންގަމުންދާއިރު، މިމަޝްރޫޢުތައް އެކަށީގެންވާ ބާރު ދުވެލީގައި ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
މިމައްސަލަތައް ހައްލުކޮށްދެއްވުމަށް ސީދާ ސަރުކާރުންވެސް މަސައްކަތް ކުރައްވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ނުހުއްޓި ކުރިއަށް ގެންދާނެ މަގު ދައްކައި، އެ މަޝްރޫޢުއަކާއި ގުޅޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާވެސް ބާރު އަޅުއްވާކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން އެކުންފުންޏާއި ހަވާލުވެފައިވާ މަޝްރުޢޫތަކަށް، އެ މަޝްރޫޢުއަކާއި ގުޅޭ ވުޒާރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ސަޢުދީ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށްވެސް ބަލައިގެން ހުރިހާ މަޝްރޫޢެއް ވީހާވެސް އަވަހަށް ނިންމުމަށް ކަމަށް ސަޢުދީ ވިދާޅުވިއެވެ.
“އެކަމަށްޓަކައި ހުރިހާ މުވައްޒަފުންވެސް ދަނީ މަސައްކަތް ކުރަމުން. ކުންފުންޏަކީ ސަރުކާރުގެ 64 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް، އާންމު ހިއްސާދާރުވެސް އެބަތިބި. މިހުރިހާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮތުމަށް މަޝްރޫޢުތައް ނިންމަން މަސައްކަތް ކުރޭ. އަޅުގަނޑުމެން އަމާޒަކީ، މިހާރު މިވަގުތައް ހަވާލުކޮށްފައިވާ 347 މަޝްރޫޢެއް އެބައޮތް. އެހެންވީމަ 2028 ފަހު ކުއާޓަރ އަށް ހުރިހާ މަޝްރޫޢުއެއް ނިންމުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން މިދަނީ ” ސައުދީ ވިދާޅުވިއެވެ.
ސަޢުދީ ވިދާޅުވީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގެ މަޝްރޫޢުތައް މިހާރުވެސް އެމްޓީސީސީއާއި ޙަވާލުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ކުރިން ފެށިފައި ހުއްޓިފައި ހުރި މަސައްކަތްވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. ސަޢުދީ ވިދާޅުވީ ރައީސްގެ ވައުދުފުޅާއެއްގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ 38 މަޝްރޫޢެއް ފެއްޓުމަށްޓަކައި 11 ރަށެއްގެ މަސައްކަތް މޮބަލައިޒް ކުރެވިފައިވާކަމަށެވެ.