ގާނޫނާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ބިދޭސީ މީހާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 6 އެކައުންޓް ހުޅުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސައިން ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި އޭނާގެ ފޯނާއި ލެޕްޓޮޕުން ގިނަ ހެކިތަކެއް ވަނީ ހޯދާފައެވެ.
ޝަހާދަތުގެ ފޯނާއި ލެޕްޓޮޕުން ފުލުހުން ހޯދި ތަކެތި:
- އެކި ކުންފުނިތަކުގެ ރަޖިސްޓްރީ
- އެކި ކުންފުނިތަކުގެ ލޯގޯއާއި ސްޓޭމްޕް
- އެކި މީހުންގެ ސޮއި (ބިދޭސީން ހިމެނޭ ގޮތަށް)
- ވޯކްޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް
- ބިދޭސީންގެ ޕާސްޕޯޓް ކޮޕީ
- ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ
- ވޯކްޕާމިޓް ސައިޓްތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ
- ބައެއް ފަރާތްތަކުގެ އީފާސް އެކައުންޓްތަކުގެ ލޮގިން
- އެކްސްޕެޓް ސިސްޓަމަށް ލޮގިން ކުރުމަށް ބޭނުން ކުރާ މައުލޫމާތު
- އެކްސްޕެޓް ސިސްޓަމަށް ލޮގިން ކުރުމަށް ޝަހާދަތު ބޭނުން ކުރި މައުލޫމާތު
- އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި: 153 އެކައުންޓްގެ އައިޑީ (ޕާސްވޯޑާ އެކު)
- ފޮރިން ކޮމްޕެނީތަކުގެ ނަމުގައި 7 އެކައުންޓްގެ އައިޑީ (ޕާސްވޯޑާ އެކު)
- ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީތަކުގެ ނަމުގައި: 283 އެކައުންޓްގެ އައިޑީ (ޕާސްވޯޑާ އެކު)
- އެކި އެކި އަމިއްލަ ފަރާތްތަކުގެ ނަމުގައި 126 އެކައުންޓްގެ އައިޑީ (ޕާސްވޯޑާ އެކު)
- ޕާޓްނާޝިޕްތަކުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި ރިލޭޝަން ގާއިމުކޮށްފައިވާ 5 އެކައުންޓްގެ އައިޑީ (ޕާސްވޯޑާ އެކު)
އެކްސްޕެޓް ސިސްޓަމަށް ލޮގިން ކުރުމަށް ޝަހާދަތު ބޭނުން ކުރި މައުލޫމާތުތަކާއި އެކި ފަރާތްތަކުގެ އީފާސް މައުލޫމާތުތަކަކީ އޭނާ އަމިއްލަ އުފެއްދި ތަކެތިކަމަށް ނުވަތަ އަމިއްލައަށް ހޯދި ތަކެތިކަމަށް ތަހުގީގަށް ނުބެލެވޭކަމަށް އަޒްމަތު ވިދާޅުވިއެވެ.
ޝަހާދަތުގެ މި މަސައްކަތްތަކުގައި އިމިގްރޭޝަންގެ ބަޔަކާއި އާންމުންގެ އެތައް ބަޔަކު ބައިވެރިވެގެން ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ ’އޯޕަން ކޯޓާ‘ ގެ ނަމުގައި މާލީ މަންފާ ހޯދާކަމަށް ބެލެވޭކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ.
މި މީހާ އަކީ ޖުމުލަ 4 ވޯކްޕާމިޓެއްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުންދާ މީހެކެވެ. މި މައްސަލައިގައި ޝަހާދަތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މިހާތަނަށްވެސް އޭނާ ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. ޝަހާދަތު ހުސައިންގެ މައްސަލައިގައި ތަހުގީގު ނިންމާ ދައުވާ ކުރުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ ޝަހާދަތު 2019 ވަނަ އަހަރު މާލެއަށް އައިސް ބީއެމްއެލްގައި ޖުމުލަ 6 އެކައުންޓެއް ހުޅުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ރުފިޔާ އެކައުންޓާއި 3 ޑޮލަރު އެކައުންޓެވެ.
ޝަހާދަތު އެންމެ ފަހުން ވޯކްޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގެ ވަޒީފާއަކީ އޮފީސް ބޯއި ކަމަށްވީ ނަމަވެސް އޭނާގެ ވަޒީފާ ހަމަޖެހުނު ލެޓާ އޮފް އެޕޮއިންޓްމެންޓް ގައި ވަނީ އޭނާގެ މުސާރައަކީ 3،000 ޑޮލަރު ކަމަށް އަޒްމަތު ވިދާޅުވިއެވެ. އަދި އެކްސްޕެޓް ސިސްޓަމުގައިވެސް ޖަހާފައިވަނީ އޮފިސް ކްލީނާ ކަމަށާއި މުސާރައަކީ 3،000 ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ޝަހާދަތު ދިރިއުޅެފައިވަނީ 18،000 ރުފިޔާއަށް އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެންނެވެ.
ޝަހާދުތުގެ ފޯނުން ފުލުހުން ހޯދި ހެކިތަކުގެ ތެރޭގައި، ސައްހަ ނޫން ވޯކްޕާމިޓާ ގުޅޭ ލިޔެކިޔުންތައް ހެދުމަށް ފަހު ބިދޭސީންނަށް ފޮނުވާ ބަންގްލަދޭޝްގައި ހުޅުވާފައި ހުރި އެކައުންޓަކަށް ފައިސާ ޖަމާ ކުރުވާކަން ހޯދިފައިވާކަމަށް އަޒްމަތު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝަހާދަތުގެ ފޯނުން އިމިގްރޭޝަންގެ ބަޔަކާއި އާންމުންގެ އެތައް ބަޔަކު ޝާމިލްވާކަން ހޯދިފައިވާ ކަމަށާއި އެ އެންމެންގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ.