ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު މަގާމުން ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
ސާމިހު މި މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން މި މައްސަލައިގެ ތަޙުޤީޤަށް ބަދަލުތަކެއް ގެނައުމަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.
ސާމިހުއަކީ ފުލުހުންގެ މުއައްސަސާގައި ހުރި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރެވެ.
ސާމިހުއާ ގުޅޭގޮތުން ދައްކަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ތުހުމަތު ކުރެވެނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް މިނިސްޓަރު ގުޅުއްވާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.