އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ދަށުން ހިންގޭ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ގެ 49 ވަނަ ބައްދަލުވުން މިހާރު ދަނީ ޖެނީވާގައި ހުންނަ އދ. ގެ މައި އޮފީސް، ޕެލޭ ޑި ނޭޝަންސްގައި ކުރިއަށެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕުން އަހަރަކު ތިން ބައްދަލުވުން ބާއްވާ އުސޫލުން، މިހާރު ކުރިއަށްދާ 49 ވަނަ ބައްދަލުވުމަކީ 2022 އިން 2027 އަށް ހިނގާ ޔޫ.ޕީ.އާރުގެ 4 ވަނަ ރިވިއު ސައިކަލްގެ ބައެކެވެ. މި ދެ ހަފްތާގެ ބައްދަލުވުމުގައި 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރެވޭނެއެވެ.
ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގައި ބައިވެރިވެ، ރިިވިއު ކުރެވޭ ޤައުމުތަކަށް ބިނާކުރަނިވި އިސްލާޙުތަކެއް ހުށަހަޅާނެއެވެ. ރާއްޖޭގެ ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު،ބު، ޑރ. ސަލްމާ ރަޝީދެވެ.
ޔޫ.ޕީ.އާރުއަކީ އދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ދެނެގަނެ، އެކަމުން ހާސިލުކޮށްފައިވާ ކުރިއެރުންތައް ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، ރިވިއު ކުރެވޭ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ތަންފީޛުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެހެން މެންބަރު ޤައުމުތަކަށް ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަކީ ކިރްގިޒްސްތާންގެ ރިވިއުއަށް ކަނޑައެޅިފައިވާ ތިން ޤައުމުގެ މައްޗަށް އެކުލެވޭ ‘ޓްރޮއިކާ’ ގެ މެންބަރެކެވެ.