މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓުކުރަން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެދިވަޑައިގެންފިއެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ބޭއްވި “މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަންވަރު ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމު ކަމަށެވެ. އަދި އެފަދަ ޒަމާންވީ އެކުވެރިކަމުގެ ގުޅުންތަކުގެ މުހިންމުކަން މިހާރު މާބޮޑު ކަމަށާއި ސަބަބަކީ ޖިއޯޕޮލިޓިކްސްއަށް އަންނަމުން މިދާ ބަދަލުތައް ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއެކު އެމެރިކާއިން ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް އެމެރިކާއިން މި ފަހުން ޓެރިފް ބޮޑުކޮށްފައިވާ ކަމަށާއި އެހެންވެ މެލޭޝިޔާގެ ވިޔަފާރިތަކުން ސަރަހައްދީ އަދި އެކުވެރި ގައުމުތަކާ އެކު ގުޅުންތައް ފުޅާކުރުން މުހިންމުކަމަށް އަންވަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ހާރިޖީ ގުޅުން ވަރުގަދަ. އެހެންވީމާ މި ގުޅުން އިތުރު ހަރުފަތަކަށް ގެންދަން އަޅުގަނޑު ބޭނުން. މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖެ ވަޑައިގެންނާއި މިތަނުގައި މިތިބި މިނިސްޓަރުންނާ ވާހަކަދައްކައިގެން ވިޔަފާރީގެ ޕޮޓެންޝިއަލް ދެނެގަތުން އަޅުގަނޑު އެދެން. ރާއްޖޭގައި ވިޔަފާރި ކުރިއެރުވޭނެކަން އަޅުގަނޑަށް ޔަގީން،” އަންވަރު ވިދާޅުވިއެވެ.
އަންވަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްރާބު އެހުރީ އާ ދިމާލަކަށް ކަމަށާއި ރާއްޖޭގެ ޕޮލިސީތަކަށް މެލޭޝިއާ ފަރިތަވާނެ ކަމަށެވެ.