25 އޭޕްރީލް 2025 ވާ ހުކުރު ދުވަހަކީ ޣައްޒާއަށް ވަރަށް މުހިންމު ދުވަހެކެވެ. ޣައްޒާގެ ފަރާތަކުން ވަރަށް މުހިންމު ކަމަކަށް ގޮވާލާ ދުވަހެކެވެ. އެއީ، ފަލަސްތީނު، ޚާއްސަކޮށް ޣައްޒާގެ އާންމުންނާ ދެކޮޅަށް ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ހަމަލާތަކަށް އެމެރިކާއިން ދެމުންގެންދާ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާއީދާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާއާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ދުވަހަކަށް އެދުވަސް ހެދުމަށް ޣައްޒާއިން ގޮވާލާ ދުވަހެވެ.
“25 އޭޕްރީލް 2025: ގްލޯބަލް ޑޭ ފޮރ ޣައްޒާ” އެވެ. މިދުވަހު ކުރުމަށް ޣައްޒާގެ ފަރާތުން އެދެނީ އެންމެ ކަމަކަށެވެ. އެއީ، ދުނިޔޭގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެމްބަސީތައް ކައިރިއަށް އެއްވެ، އެމްބަސީތައް ވަށާލުމަށެވެ. އިތުރުކަމެއް ކުރާކަށެއް ނޫނެވެ.
މީގެ ބޭނުމަކީ، ޣައްޒާއާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެމެރިކާއިން ކެނޑިނޭޅި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޣައްޒާ ތެރެއަށް ޓީމުތައް ފޮނުވައިގެން ޓެކްނިކަލް އެހީ ފޯރުކޮށްދިނުމާއި، ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާ ދެކޮޅު ހެދުމެވެ. އެކަމާ ނުރުހުން ފާޅުކުރުމެވެ. އެމެރިކާގެ އަމަލުތައް ކުށްވެރި ކުރުމެވެ.
އެމެރިކާއިން ގެންދަނީ އިސްރާއީލަށް މިސައިލާއި، ބަރުބޮމާއި، ދުނިޔޭގައި މަނާކޮށްފައިވާ ބޮމާއި، ޑްރޯންއާއި، އެންމެފަހުގެ ބޮޑުބަޑިއާއި، ބުލްޑޯޒަރާއި، އެނޫންވެސް އެތައް ހަތިޔާރެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކުގައި ކޮންމެ ހަފްތާއަކު އިސްރާއީލަށް ހަތިޔާރު ފޮނުވައެވެ. މަދުނުވާ ވަރަށް ހަތިޔާރު ފޮނުވައެވެ. ނުވިތާކަށް، އެހެން ގައުމުތަކުން ހަތިޔާރު ގަތުމަށް ބިލިއަނުން ޑޮލަރު ފޮނުވައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ، ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ ޝަރީއަތަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މީހެކެވެ.
އެކަމަކު، މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވި ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ނަތަންޔާހޫ މިހާތަނަށް ވަނީ އެމެރިކާއަށް ދެފަހަރަށް ގޮސްފައެވެ. ނަތަންޔާހޫ ކައިރީގައި ބައިންދައިގެން ފަލަސްތީނު ރައްޔިތުން ދުނިޔެއިން ނެތިކޮށްލުމުގެ ވާހަކަ ދައްކަވައި، މުސްލިމުންނަށް އެތައް މަލާމާތެއް ކޮށްފައި ވެއެވެ.
ފަލަސްތީނު މީހުން ދުނިޔެއިން އެއްކޮށް ނެތިކޮށް، ފަލަސްތީނުގެ ހުރިހާ ބިންތައް އިސްރާއީލުގެ ބިންތަކުގައި ގޮތުގައި ހެދުމަށް އަބަދުވެސް ދައުވާކުރާ އަދި އެކަމަށް ގަދައަޅައި މަސައްކަތްކުރާ އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން ގްވީރް މިހާރުވެސް ހުރީ އެމެރިކާގައެވެ.
އެމެރިކާއަށްގޮސް އޭނާ ވަނީ، އިސްރާއީލުގެ ޖަލުތަކަށް ލާ ފަލަސްތީނު މީހުންނަށް އޭނާ ދޭ ލާއިންސާނީ އަނިޔާތަކުގެ މޮޅު ވާހަކަ ދައްކާފައެވެ. އޭނާ މި ވާހަކަ ދެއްކީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެމްބަރުން އޭނާގެ ޝަރަފްގައި ބޭއްވި ބައްދަލުވުމެއްގައެވެ. އޭނާ އެ ވާހަކަ ދެއްކުމުން މެމްބަރުން ތިބީ އަތްޖަހާށެވެ.
ބެން ގްވީރް ބުނީ، ޣައްޒާގައި މިހާރު ހުރި ކާޑުގުދަންތަކަށް ބޮންއަޅައި، މިހާރު ބާކީ ކާއެއްޗެއް ހުރިއްޔާ ހުރި ތަންތަނަށް ބޮންއަޅައި ގޮއްވާލަން އޭނާ ކުރާ މަސައްކަތަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ކަމަށެވެ.
ޣައްޒާގެ ނަސްލުނައްތާލަން އިސްރާއީލުން ކުރާ ހުރިހާ ކަމެއް ކާމިޔާބު ކުރުމަށް އެމެރިކާގެ ވެރިކަމުގެ ފަރާތުން ޖާނާއި މާލުން ގެންދަނީ ގުރުބާންވަމުންނެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ނިކަމެތިކަން ލިބޭނޭ ހުރިހާ ފިޔަވަޅެއް ގެންދަނީ އަޅަމުންނެވެ. މިކަމުގައި އެމެރިކާގެ ކޮންގްރެސްވެސް ފުރިހަމައަށް ބައިވެރިވެއެވެ.
ޣައްޒާއިން މީހުން ބޭރުކޮށް ޣައްޒާ ހުސްކޮށްލުމަކީ ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނެކެވެ. އެކަން ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ރޯލެއް ކުޅޭ އެކަކީ ބެން ގްވީރެވެ.
އެހެންކަމުން، 25 އޭޕްރީލް 2025 ވާ ހުކުރު ދުވަހަކީ، އަރަބި އިސްލާމީ ގައުމުތަކާއި، ފަލަސްތީނަށް ތާއީދުކުރާ ދުނިޔޭގެ ހުރިހާ ގައުމެއްގެ އާންމުން، އިސްރާއީލާއި އެމެރިކާގެ އުދުވާނާ ދެކޮޅުކަން އަމަލުން ދައްކައި ސާބިތުކޮށްދޭންވީ ދުވަހެކެވެ. ޣައްޒާއާއި އެކުގައި ތިބިކަން ހާމަކޮށްދޭންވީ ދުވަހެކެވެ.