ރައީސް ޔާމީންގެ ވެރިކަމުގައި މުއިޒް ހައުސިންގ މިނިސްޓްރީން ދިން ލިޔުމަކީ އަޅުގަނޑުމެންގެ ހިތްތަކުގައި އުއްމީދުގެ އައްޔެއް ދިއްލާލި ލިޔުމެކެވެ. އެ ލިޔުމާއެކު އަޅުގަނޑުމެންގެ ހިތްތަކުގައި ފުލެޓެއް ލިބި، އަމިއްލަ ގެދޮރެއްގައި އުޅެވޭނެކަމުގެ އުފާވެރި ހުވަފެންތަކެއް ފެެންނަން ފެށުނެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި އެ ލިޔުން ކެންސަލްކޮށް، އެހެން ބަޔަކަށް ފުލެޓް ދިނުމުން، އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް އުފާވެރިކަން ވަނީ ހިތާމައަކަށް ބަދަލުވެފައެވެ.
މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކާކުބާއެވެ؟ ކުރީގެ ސަރުކާރުންތޯ ނުވަތަ މިހާރުގެ ސަރުކާރުންތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން އުޅެންޖެހިފައިވާ ދަތި ހާލަތު އިތުރަށް ގޯސްވަމުންދެއެވެ. ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން، ކުޑަކުޑަ ކޮޓަރިއެއްގައި މުޅި ޢާއިލާ އެއްކޮށް އުޅެންޖެހިފައިވާ ހާލަތު ދުވަހެއް ދުވަހަކަށް އިތުރަށް ދަތިވަމުންދެއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރުން މިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެދުމެވެ. ކުރިން ދީފައިވާ ލިޔުމަށް އިޙްތިރާމްކޮށް، އެ ލިޔުން ލިބިފައިވާ ފަރާތްތަކަށް ފުލެޓް ލިބޭނެ ގޮތް ހަދައިދިނުމަކީ އަޅުގަނޑުމެންގެ އެދުމެވެ. އަދި މިކަމުގައި ދެފުށް ފެންނަ ގޮތަށް، ހަމަހަމަކަމާއެކު ޢަމަލުކުރުމަކީވެސް އަޅުގަނޑުމެންގެ އިލްތިމާސްއެކެވެ.
ފުލެޓް ލިބޭނެކަމުގެ އުއްމީދު ގެއްލި، ހިތުގައި އުފެދިފައިވާ އުދާސް ފިލުވާލެވޭނީ ހަމައެކަނި ސަރުކާރުގެ ފަރާތުން އިންސާފުވެރި ޙައްލެއް ލިބިގެންނެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތްﷲ އަޅުގަނޑުމެންނަށް މި ދަތި ހާލަތުން އަވަހަށް ސަލާމަތްވެ، އަމިއްލަ ގެދޮރެއްގައި އުފާވެރިކަމާއެކު ދިރިއުޅެވޭނެ ދުވަހެއް ދެއްކެވުމެވެ. އާމީން.