ދިވެހިރާއްޖެއަކީ ފުދުންތެރި، ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ބަޔަކީ، ޤައުމަށް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.
މިގޮތުން، މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ތާރީޚީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢަކީ ހަމައެކަނި ބިމެއް ހިއްކުމުގެ މަސައްކަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޤްތިޞާދީ އާ ދޮރުތަކެއް ހުޅުވައިދޭނެ ބިޔަ މަޝްރޫޢެކެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ތަނަވަސް އަދި ބޮޑު ބިން ކަމުގައިވާ ރަސްމާލެ ތަރައްޤީކުރަނީ ސާފު، ރޭވުންތެރި ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ހިއްކުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު ޚާއްޞަކުރެވިފައިވަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ބޯހިޔާވަހިކަމުގެ ޝާމިލު ޙައްލަކަށެވެ.
އަދި ބާކީ އޮތް ބައި ތަރައްޤީކުރަނީ ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި އިޤްތިޞާދީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށެވެ. މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް މި މަޝްރޫޢުގެ ސަބަބުން އުނިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއީ ރައްޔިތުންނަށް ސީދާ ފައިދާ ލިބިގެންދާނެ މަޝްރޫޢަކަށް ހެދުމެއެވެ. އެންކަމުން މި މަޝްރޫޢު އާއި ގުޅޭގޮތުން ބުހުތާނު ދޮގޮ ހަދައި އާއްމުންނަށް އޮޅުން އަރާގޮތަށް ވާހަކަ ފެތުރުމަކީ ގޯސް ވިސްނުމެކެއެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ސިޔާސީ މީހުންގެ ބަހުރަވަ ހުރުމަކީ ހިތާމައެކެއެވެ.