ޞިއްޙީ ދާއިރާގެ ފަންނީ މަޤާމުތަކަށް 1500 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކުރުމަށް ޞިއްޙީ ވުޒާރާއާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތުގެ ނިޒާމަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުން ކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިހާރު ޚިދުމަތުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ބިދޭސީ މުވައްޒަފުން ކަމަށް ވިދާޅުވެ، ވީހާވެސް ގިނަ ދިވެހިން މި ފުރުޞަތުގެ ބޭނުން ހިފައި، ޞިއްޙީ ޚިދުމަތަށް ނުކުތުމަށް އިލްތިމާސް ކުރެއްވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މި މަސައްކަތުގެ މަޤްޞަދަކީ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރާނެ ޤާބިލު ދިވެހިން އުފައްދައި، މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސަރަޙައްދެއްގައިވެސް ފެންވަރެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ ތަޞައްވުރު ކަމުގައި ފާހަގަކުރެއްވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވީ މި ޕްރޮގްރާމުގެ އަމާޒަކީ ތަމްރީނުކުރެވޭ 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަކީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލު ފަންނުވެރިންނަށް ހެދުން ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ، ކައުންސެލިންގ، ޑައިބެޓިކްސް، ރޭޑިއޯގްރަފީ، ކޮމިއުނިޓީ ހެލްތު، ޕެރަމެޑިކްސް އަދި އެހެނިހެން ދާއިރާތަކުގެ ކޯސްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކޯސްތަކަށް ތަމްރީނު ޕްރޮގްރާމުތައް އެކުލަވާލައި، މުދައްރިސުންނާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އަމަލީ ތަމްރީނު ލިބޭނެ އިންތިޒާމު ޤައުމީ ޔުނިވަރސިޓީން ހަމަޖައްސާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމުތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލު ދިވެހި މުވައްޒަފުން އިތުރުވެ، މުޅި ޤައުމުގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު