ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފުލެޓު ކޮމިޓީގެ ޗެއާއަކަށް ހުންނެވި އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަށް ރަޖިސްޓްރާ ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލުކޮށް، ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބެލުމަށް ނިންމައިފިއެވެ.
އަކްރަމްގެ ފަރާތުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔުގައި ވިދާޅުވީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވަނީ އޭނާގެ ބަހެއް ނެތި ކަމަށާއި އާންމު އުސޫލުން އެފަދަ ގޮތަކަށް އަމުރު ނެރެވޭނީ އަޑުއެހުމެއް ބޭއްވޭކަމުގެ ނޯޓިސްދީފި ނަމަ، ތުހުމަތުވާ މީހާ ގައުމުން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު އޮވެދާނެ ހާލަތްތަކުގައި ކަމަށެވެ.
އެފަދަ ހާލަތްތަކުގައި މިނިވަންކަން ހިފެހެއްޓުނު މީހާއަށް އޭނާގެ ފަރާތުން އެކަމުގައި ދައްކަން ހުރި ވާހަކަ ދައްކައި އޭނާގެ އަޑު އެހުމުގެ ފުރުސަތު ދީ، ޕާސްޕޯޓް ހިފެހެއްޓުން ރަނގަޅު ނޫންކަމަށް ބުނެ ސަބަބު ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފަދަ އަމުރެއް މުރާޖާއާކޮށް ދިނުމަށް އެދި އެ އަމުރެއް ނެރުނު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ، އެފަދަ ހައްގެއް ހިފެހެއްޓިފައިވަނީ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށްކަން ކަށަވަރުކުރެވޭނެ އަވަސް ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
ނަމަވެސް ދަަށު ކޯޓުން ނެރޭ އަމުރަކީ ގާނޫނާހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ އެފަދަ އަމުރެއް އިސްތިއުނާފުކުރާނަމަ، އެފަދަ އިސްތިއުނާފެއް ބަލައިގަންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. އެހެންނަމަވެސް އިސްތިއުނާފުގައި ބަޔާންކޮށްފައިވަނީ އަމުރު ނެރެފައިވާ ހަލާތާ މެދު އޮތް ބަހުސެއް ނަމަ، އެއީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން މުރާޖާއާއަށް ހުށަހެޅުމުގެ ފުރުސަތު އޮތް އަމުރަކަށްވާތީ، އިސްތިއުނާފީ ކޯޓެއްގައި އެފަދަ ބަހުސެއް ކުރެވޭނީ މުރާޖައާކުރުމުގެ ހަރުފަތަށްފަހު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެފަދަ އަމުރުތައް ދަށު ކޯޓަށް ހުށަހެޅުމާއި މުރާޖާއާކުރުމަކީ ކުރެވޭ ކަމެއް ނޫންނަމަ ފުރަތަމަ ފަހަރަށްވެސް އިސްތިއުނާފީ މަރުހަލާއަށް އައުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމުން އިސްތިއުނާފީ ހައްގު ހަނިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއާ ހިލާފަށް އިސްތިއުނާފީ ހައްގު އިތުރަށް ފުޅާވެގެންދާނެ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
ހުށަހެޅިފައިވާ އެ މައްސަލައިގެ އިސްތިއުނާފު ބިނާވަނީ އަމުރު ނެރުމުގެ ހާލަތާ ގުޅޭގޮތުން ކަމަށްވީ ހިނދު، ދަށުކޯޓަށް އެ އަމުރުތައް މުރާޖާއާކުރުމަށް ހުށަހެޅުމަށްފަހު މެނުވީ އިސްތިއުނާފަށް ހުށަހެޅިދާނެ ނުދެކޭ ކަމަށާއި އެހެންކަމުން ރަޖިސްޓްރާގެ ނިންމުން މުރާޖާއާކުރުމަށް އެދި ހުށަހެޅި ކަންކަމަށް ބަލައި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ފެންނަ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
ފަނޑިޔާރު ޝަނީޒުގެ އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދެއް ނުކުރައްވައެވެ.
ފަނޑިޔާރު ދީބާނާޒްގެ ރައުޔުގައި ވިދާޅުވީ އަކްރަމްގެ ފަރާތުން ހުށަހެޅި “ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު” ގައި ބަޔާންކޮށްފައިވާ ކަންކަމަށް މަތިމަތިން ބަލާ އިރު، އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ފަދަ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފަނޑިޔާރު ހުޒައިފާ ވަނީ ފަނޑިޔާރު ދީބާނާޒްގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.
އެހެންކަމުން އެ މައްސަލައިގެ ނިމުނު ގޮތުގައި ފަނޑިޔާރު ޝަނީޒް ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އައުލަބިއްޔަތުން ނިންމައިފިން ކަމަށެވެ.