މި ދިރާސީ އަހަރު 90,000 އެއްހާ ދަރިވަރުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުންދާނެ ކަމަށާއި އެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 11،000 މުދައްރިސުން މަސައްކަތްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ މި ފެށޭ 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ވެގެންދާނީ، ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ކަށަވަރުކޮށް ފެންވަރު އިތުރަށް ރަގަޅުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ތަންފީޒުކުރެވިގެންދާނެ އަހަރަކަށް ކަމަށެވެ.
“90,000 އެއްހާ ދަރިވަރުން މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި އެކިއެކި މަރުހަލާތަކުގައި ކިޔަވަމުންދާނެ. މި ދަރިވަރުންގެ ހިދުމަތުގައި ގާތްގަނޑަކަށް 11,000 މުދައްރިސުން ސްކޫލުތަކުގައި އުނގަންނައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭގައި ހާއްސަ އިސްކަމެއް ދީގެން ފެށިގެން ކުރިއަށްދާނެ އެއްކަމަކީ، މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމާއި ދަރިވަރުންނަށް އުނގަންނަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އަދި ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރި ނެތްގޮތް ދެނެގަތުމަށް، ގައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިހާރު ނެގެނީ ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި. މި ފެށޭ ދިރާސީ އަހަރުގައި ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މި އެސެސްމެންޓް ދޭން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައި. މީގެ އިތުރަށް މުޅިން އަލަށް ރާއްޖޭގެ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަގުވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ސާނަވީއަށް އުނގެނުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހި ކޮށްދިނުމަށްޓަކައި، ނިމިދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމެއް، އަތޮޅުތެރޭގެ 23 ސްކޫލެއްގައި ކުރިއަށް ގެންދެވުނު ކަމަށެވެ. އެއާއެކު، މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވަން އަލަށް ވަން ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.