ސައިކަލު މަޑިދަށުން ވައްކަންކުރުމާއި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުމަށާއި، އަގުބޮޑެތި މުދާ ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 17 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށް ގެންދެވުނު މި ހަރަކާތަކީ މާފަންނު ނެއިބަހުޑް ޕޮލިސްއާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން، ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލު ޕާކުކުރާ ގާތްގަނޑަކަށް 50 އެއްހާ ފަރާތަކަށް މަޢުލޫމާތު ދެވުނެވެ. މި ގޮތުން، ސައިކަލު ޕާކުކޮށްފައި ދާއިރު ތަޅުދަނޑި ނެގުމާއި، ޝަޓަރ އަދި ހުންގާނު ލޮކްކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދެވުނެވެ.
މީގެ އިތުރުން، މުހިންމު ލިޔެކިޔުންތަކާއި އަގުބޮޑެތި ތަކެތި ސައިކަލުގެ ޕޮކެޓް އަދި މަޑިދަށުގައި ނުބެހެއްޓުމަށާއި، ސައިކަލުގެ ތަޅު ހަލާކުވެފައިވާނަމަ އަވަހަށް ބަދަލުކުރުމަށް އިލްތިމާސްކުރެވުނެވެ. އަދި ރައްކާތެރިކަމުގެ މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް ބެހުނެވެ.
މި ފަދަ ހޭލުންތެރިކަމުގެ ހަރަކާތްތަކަކީ މުދަލާއި ތަކެތި ރައްކާތެރިކުރުމަށާއި، ކުށްކުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު