ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފިއެވެ.
ހ. ހުޅުގަލީގެ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ އެޕާޓްމަންޓެއްގައި ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ތަން ބަލައި ފާސްކޮށް، 49،000 ސިނގިރޭޓް ފޮށި ހޯދައިފައެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ރޭޑިއަސްގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފައިވާ ކަމަށާއި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު އިސްލާހުކުރި “ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ” ގާނޫނުގައިވާ ގޮތުން، ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް އެއްވެސް މިންވަރަކަށް ހެއްދުމަކީ ނުވަތަ އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމަކީ މަނާކެމެކެވެ. އޭގެ އިތުރުން ދުންފަތް ގަހާއި ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެނޫންވެސް ބައެއް، ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ ވެސް މަނާ ކަމެއް ކަމަށް އިސްލާހުގައިވެއެވެ.
ގާނޫނުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަންވާނެއެވެ. އަދި ލައިންސަންސެއް ނެތި، އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ރާއްޖޭގައި ހިންގުމަކީ މަނާކަމެއް ކަމަށް ބުނެފައިވެއެވެ.