ގައުމީ އެއާލާއިން، މޯލްޑިވިއަނުން ހދ. ހަނިމާދޫ އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ ރާއްޖޭގެ އުތުރު ސަރަހައްދާއި މުހިންމު ސަރަހައްދީ މަންޒިލްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ދަތުރުތައް ފަށަން ހަމަޖައްސާފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ހަނިމާދޫން ބެންގަލޫރަށް ހަފުތާއަކު ދެ ފްލައިޓު ބާއްވާނެ ކަމަށާއި މާދަމާއިން ފެށިގެން ހަނިމާދޫ-ބެންގަލޫރު ދަތުރުތަކަށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ހަނިމާދޫ-ބެންގަލޫރު ދަތުރުތައް ތައާރަފުކުރުމުން ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ސަގާފީ އަދި އިގުތިސޯދީ ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މޯލްޑިވިއަނުން ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެވެއެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ހަނިމާދޫއާ ދެމެދު ކުރާ ދަތުރުތަކެވެ.