ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކުރުން ފަސްކޮށްފިއެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލު ވިދާޅުވީ މާދަމާ 11:00 އަށް ތަހުގީގަށް ހާޒިރުވާން ކުރިން އެންގި އެންގުން ބަދަލުކޮށް، ހޯމަ ދުވަހު ހާޒިރުވާން ޖޭއެސްސީން އަންގާފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަމުން ދަނީ އަޒްރަލްދާގެ ފިރިކަލުން، ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެކެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ދެ ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށެވެ.