ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޤާމަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް އައްޔަނުކުރެވޭ މަޤާމެކެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިޚާބު ކުރެވެއެވެ. މިއީ ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލައިގެން ކަނޑައަޅާފައިވާ އަދަދުތަކެކެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން މި މަޤާމަށް ކުރިމަތިލުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް، އެހެން އަހަރުތަކެކޭ އެއްފަދައިން، ވީހާވެސް ގިނަ އަންހެނުން ބޯޑުގެ މެންބަރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް، އިންތިޚާބުގައި ވާދަކުރުމަށް ވެސް އެސްޓީއޯއިން ވަނީ ގޮވާލާފައެވެ.
ބޯޑު މެންބަރުކަމަށް ކުރިމަތިލާން ޝައުޤުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ. ފޯމު ހުށަހަޅަންޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލްއިން ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އެސްޓީއޯގެ “ބޯޑު ކެންޑިޑެންސީ ގައިޑްލައިން” ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރާނެއެވެ. އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނީ މި އިންޓަވިއުއިން ހޮވޭ ހިއްސާދާރުންގެ ނަންތަކެވެ.
މި ފުރުޞަތު ހުޅުވާލުމާއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ އަޑު އިވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ކުންފުނީގެ ހިންގުމުގައި ހިއްސާދާރުންގެ ބައިވެރިވުން އިތުރުވެ، ކުންފުނީގެުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު