ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކުރެވުނު 4,000 ފްލެޓުގެ ތެރެއިން ޝަރުޠު ހަމަވާ 1,820 ފަރާތަކަށް ފްލެޓު ލިބޭނެކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތު ވަޒީރު ދެއްވާފައިވަނީ، ކުރީގެ ސަރުކާރުން ޢާންމުކުރި 4,000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޢާންމުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އެންމެ އިސްކަމެއް ދެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤަށް ރިޢާޔަތްކޮށް، 2023 ނޮވެމްބަރު 15 ވަނަ ދުވަހު ގެޒެޓުކުރެވުނު ލިސްޓު ކަށަވަރުކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ. މި ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ 2022 ޖޫން 26 ވަނަ ދުވަހު ޢާންމުކޮށް ގެޒެޓުކުރެވުނު ގެދޮރުވެރިޔާ އުސޫލާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމެނިފައިވާ އިރުޝާދުތަކަށް މައިގަނޑު ގޮތެއްގައި ބިނާކޮށްގެން ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން އިޢުލާންކޮށްފައިވަނީ 3 ކޮޓަރީގެ ފްލެޓުތަކަށް 76 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށާއި، އިތުރު 3 ކޮޓަރީގެ ފްލެޓުތައް ގުރުއަތުލުމަށް ހުޅުވާލެވޭނެ ކަމަށެވެ. އެ ލިސްޓުގައި 75 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ 3,721 ފަރާތެއް ހިމެނިފައިވާއިރު، 3 ކޮޓަރީގެ 2,750 ފްލެޓު އެކަނި ޢިމާރާތްކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
2 ކޮޓަރީގެ ފްލެޓުތަކަށް 73 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓު ލިބޭނެކަމަށް ކުރީގެ ސަރުކާރުން އިޢުލާންކޮށްފައިވާއިރު، އެ މިންވަރަށް ޕޮއިންޓު ލިބިފައިވާ 1,218 ފަރާތެއް ލިސްޓުގައި ހިމެނިފައިވެއެވެ. ނަމަވެސް، 2 ކޮޓަރީގެ 1,250 ފްލެޓު އެކަނި ޢިމާރާތްކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ގޮތުން، ކަށަވަރުކުރެވުނު ލިސްޓުގައި ޖުމުލަ 4,930 ފަރާތެއް ހިމެނޭކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ކަށަވަރުކުރުމުގެ މަރުޙަލާއަށްފަހު ލިބުނު ނަތީޖާއަށް ބަލާއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3,721 ފަރާތުގެ ތެރެއިން ޝަރުޠު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1,423 ފަރާތަކަށް ކަމަށާއި، 2 ކޮޓަރީގެ ލިސްޓުގައިވާ 1,218 ފަރާތުގެ ތެރެއިން ޝަރުޠު ހަމަވެ 73 ޕޮއިންޓު ލިބިފައިވަނީ 397 ފަރާތަކަށް ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފޯމުތައް ކަށަވަރުކުރުމުގައި 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓަށްވުރެ ދަށުން ލިބިފައިވާ އެއްވެސް ފަރާތެއްގެ ފޯމު ބަލާފައިނުވާ ކަމަށާއި، 2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށްވުރެ ދަށުން ލިބިފައިވާ އެއްވެސް ފަރާތެއްގެ ފޯމުވެސް ބަލާފައިނުވާ ކަމަށެވެ. އެހެންކަމުން، ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތެއްގެ ފޯމު ބަލާފައިނުވާ ކަމަށާއި، ޝަރުޠު ހަމަނުވާ ފަރާތްތަކާއި ކަނޑައެޅިފައިވާ މިންވަރަށްވުރެ ދަށުން ޕޮއިންޓު ލިބުނު ފަރާތްތައް، ފްލެޓު ނުލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްވެސް ވަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަށަވަރުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވިފައިވަނީ ޕޯޓަލްގެ ތެރެއިން ކަމަށްވާއިރު، ޕޯޓަލްއަށް ހުށަހަޅާފށަހަޅާފައިވާ އެއްވެސް ފޯމަކަށް ނުވަތަ ލިޔެކިޔުމަކަށްވެސް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިފައިނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ދީފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ސަރުކާރުގެ ޑޭޓާބޭސްތަކަށް ބަލައި އެ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ނިންމާލަމުން ވަޒީރު ވިދާޅުވީ، ފްލެޓު ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް އެ ވުޒާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.