ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އަދީބާއި އިތުރު ތިން މީހަކާ އެކީގައި އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ އައްބާސް ޝަރީފް މިއަދު ނިންމަވާފައިވާ ކަމަށެވެ. އެއީ:

1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު
2. މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީ
3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
4. ގ. އޮއިވާލި، މުހައްމަދު ހުސައިން

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ވި އެއްބަސްވުން އޮގަސްޓް 2022 ގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ ނިންމަވާފައިވަނީ އެއްބަސްވުންތައް އެކުލަވާލީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް އަދީބާއި ދެން ތިބި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގު އިދާރާތަކުން އަންގާފައިވާތީއެވެ.