ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހަނދު ސެޓެލައިޓް ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ.
ވިމެން އިން މެނޭޖްމަންޓްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 23 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ “މިޝަން ޝާކްތީސެޓް”ގެ 2ވަނަ އެޑިޝަންގައި ރާއްޖޭގެ ފަރާތުން ތަމްސީލުކުރާނީ އާމިނަތު ނޯޔާ ސަމީހުއެވެ.
ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ނޯޔާއަކީ މީގެކުރިންވެސް ރާއްޖެއާއި ބޭރުގެ އެކި ފޯރަމްތަކުގައި ބައިވެރިވެ، ސައިބަ ބުލީ އަދި ސައިބަ ސޭފްޓީއަށް ހޭލުންތެރިކުރުވުމަށް އަޑު އުފުލާފައިވާ ކުއްޖެކެވެ. ވިމެން އިން މެނޭޖްމަންޓްއިން ބުނި ގޮތުގައި މި ހަރަކާތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުންނާ ބައްދަލުވެ، އާ ކަންތައްތަކެއް ދަސްކުރުމުގެ މަގު ނޯޔާއަށް ތަނަވަސްވެގެންދާނެއެވެ.
މި ދަތުރާ ގުޅޭގޮތުން ނޯޔާ ބުނެފައިވަނީ، މި ތަޖުރިބާގެ ސަބަބުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ، ބޮޑެތި ހުވަފެންތައް ދެކުމަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. “މި ދަތުރުން އަހަންނަށް ދަސްވީ ކުރެވިދާނެ ކަންކަމަށް ހުރަސްތަކެއް ނުބަހައްޓައި، މަތީ އަމާޒުތަކެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރުމަށް،” ނޯޔާ ބުންޏެވެ.
ވިމެން އިން މެނޭޖްމަންޓުން ވަނީ ނޯޔާގެ މި ކާމިޔާބީއަށް މަރުހަބާ ކިޔައި، މިއީ ރާއްޖެއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ނޯޔާގެ މި ވާހަކައަކީ ރާއްޖޭގެ އެހެން އަންހެން ކުދިންނަށްވެސް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެޖަމްޢިއްޔާއިން އުންމީދު ކުރެއެވެ.
“މިޝަން ޝާކްތީސެޓް”އަކީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ދުނިޔޭގައި ބާއްވާ ފުރަތަމަ ހަނދު ސެޓެލައިޓް ޕްރޮޖެކްޓެވެ. “ސްޕޭސް ކިޑްސް އިންޑިއާ”ގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގައި 108 ގައުމެއްގެ 14 އަހަރާއި 18 އަހަރާ ދެމެދުގެ 12،000 އަންހެން ކުދިން އެކުގައި މަސައްކަތް ކުރާނެއެވެ.
އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ އެޑިޝަން އޮންނާނީ އިންޑިޔާގެ ވެރިރަށް ދިއްލީގައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަންގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ދާއިރާތައް ދަސްކޮށްދީފައިވެއެވެ.
މިޝަން ޝަކްތީސެޓް ދެވަނަ އެޑިޝަންއަކީ ޓެކްނޮލޮޖީ އެއްކޮށްލުމުގެ މަސައްކަތް ކުރާ ސްޓޭޖެކެވެ. މި ޕްރޮޮގްރާމްގެ ދެވަނަ އެޑީޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 31އަށް އިންޑިއާގެ ގްރޭޓާ ނޮއިޑާގައި ހުންނަ ގައުތަމް ޔުނިވަސިޓީގައެވެ. ދެވަނަ އެޑިޝަންގައި، ކޮންމެ ގައުމަކުން ހޮވާލެވޭ ކުއްޖަކަށް އިންޑިއާގައި ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެވޭނެއެވެ.
މި ތަމްރީނުތައް ކުރިއަށްދަނީ އޮންލައިންކޮށް ނުވަތަ ‘ވާޗުއަލް’ ކޮށް އުނގެނުމުގެ މަރުހަލާއަށްފަހު، ސެޓެލައިޓްގެ ބައިތައް އަމަލީގޮތުން ގުޅުވައިލުމާއި އޭގައި ހިމެނޭ މުހިންމު އާލާތްތައް ފަރުމާކުރުމާއި އަދި މިޝަންއަށް ފުރިހަމައަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތްތަކެވެ.