އެމެރިކާއިން ކިތަންމެ ބިރެއް ދެއްކިޔަސް ނަން އަނބުރާ ނުގެންދަވާނޭ ކަމަށް، އިރާގުގެ ބޮޑުވަޒީރު ކަމަށް ހުށަހެޅީފައިވާ ނޫރީ އަލް މާލިކީ ވިދާޅުވެއްޖެއެވެ.
ނޫރީ އަލް މާލިކީ މިފަދައިން ވިދާޅުވީ، އޭނާ ބޮޑުވަޒީރުކަމަށް ގެނެސްފިނަމަ އެމެރިކާއިން އިރާގަށް ދެމުން އަންނަ ހުރިހާ ތާއީދަކާއި އެހީތެރިކަމެއް ކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮށްފައިވާ އިންޒާރުތަކަށް ރައްދު ދެއްވައި މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އިރާގުގައި އޮތް ސައްދާމް ހުސައިންގެ ވެރިކަން އެމެރިކާ ސިފައިން އަރައިގަނެ ވައްޓާލިފަހުން އެގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ނޫރީ އަލް މާލިކީ 2006 އިން 2014 އަށް ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.
ނޫރީ އަލް މާލިކީ ވިދާޅުވީ، އިރާގުގެ ބޮޑުވަޒީރަކަށް އިރާގުން ވޯޓު ދޭންވީ މީހަކާއި އަދި ވޯޓު ނުދޭންވީ މީހަކު ކަނޑައެޅުމުގެ ހައްގު ބޭރުގެ އެއްވެސް ބާރަކަށް ލިބިގެން ނުވާ ކަމަށެވެ.
އިރާގުން ބޭނުންވާ ގޮތާއި، އިރާގުގެ އިސްތިގްލާލާއި އަދި އިރާގަށް އޮތް އިހްތިރާމެއްގެ މައްޗަށް ބުރަވެ، ނަން އަނބުރާ ގެންދަވަން އެއްވެސް ވިސްނުމެއް ނެތްކަމަށް ނޫރީ އަލް މާލިކީ ވިދާޅުވިއެވެ.
އިރާގުގެ ބޮޑުވަޒީރު ކަމަށް ނޫރީ އަލް މާލިކީ އަލުން ގެނައުމަށް ހުށަހަޅާފައިވަނީ އިރާގުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނެވެ. އިރާގު ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީވެސް މި ކޯލިޝަނަށެވެ.
ކޯލިޝަންގެ ފަރާތުން ބޮޑުވަޒީރު ކަމުގެ ކެންޑިޑޭޓަކަށް ނޫރީ އަލް މާލިކީގެ ނަން ހުށަހެޅުމާއެކު، އެމެރިކާގެ ރައީސް ޓްރަމްޕް މިދިޔަ މަހު ވަނީ، މާލިކީ އަލުން ވެރިކަމަށް ގެނެސްފިނަމަ އެމެރިކާއިން އީރާނަށް އެއްވެސް އެހީއެއް ނުވާނޭ ކަމަށް އިންޒާރު ކޮށްފައެވެ.
ސައްދާމަށް ފަހު ނޫރީ އަލް މާލިކީ ބޮޑުވަޒީރު ކަމަށް ފުރަތަމަ ވަޑައިގަތީ އެމެރިކާގެ ތާއީދާ އެކުގައެވެ. އެހެން ނަމަވެސް، އޭނާގެ ބައެއް ސިޔާސަތުތަކާމެދު އެމެރިކާ ފަހުންވަނީ ހިތްހަމަ ނުޖެހިފައެވެ. އޭގެ ތެރޭގައި، އީރާނާ ގާތް ގުޅުންތަކެއް ބޭއްވުމާއި، ވަކިވެގަތުމުގެ އެޖެންޑާއެއް ގެންގުޅުއްވި ކަމުގެ ތުހުމަތު ހިމެނެއެވެ. އެހެންވެ އޭނާ އަލުން ވެރިކަމަށް ވަޑައިގަންނަވާކަށް އެމެރިކާ ބޭނުމެއް ނުވެއެވެ.
މިކަމަށް ރައްދު ދެއްވައި މާލިކީ ވިދާޅުވީ، އިރާގާއި އެމެރިކާއާ ދެމެދު ގާތް ގުޅުން އޮންނަން އޭނާ އެދިވަޑައި ގަންނަވާ ކަމަށާއި، ނަމަވެސް އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަން ތާއީދު ނުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު