ރަމަޟާން މަހުގެ ފަސްވަނަ ދުވަހު އެމްޕީއެލް އިން 4،135 ޓަނުގެ މުދާ ކްލިއާ ކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ކަރާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 22 ވަނަ ދުވަހު ޖުމްލަ 295 ކޮންސައިންމެންޓުގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ.
އިއްޔެ ކްލިއާކުރި މުދަލުގެ ތެރެއިން އެންމެ ގިނައީ ކަރާ ކަމަށްވާއިރު، ޖުމްލަ 3،796 ބަސްތާ ކަރާ ވަނީ ބަނދަރުން ނެރެފައެވެ. މީގެ އިތުރުން ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ވަނީ ކްލިއާ ކޮށްފައެވެ. އޭގެ ތެރޭގައި 1،580 ކޭސް ބިސް، 1،478 ބަސްތާ އަލަނާސި، 1،092 ބަސްތާ ކެބެޖް، އަދި 1،062 ބަސްތާ ޓޮމާޓޯ ހިމެނެއެވެ.
އިއްޔެ ކްލިއާކުރި އެހެނިހެން ބާވަތްތަކުގެ ތެރޭގައި 1،004 ބަސްތާ ދޮންކެޔޮ، 939 ބަސްތާ އަލުވި، 518 ބަސްތާ ފިޔާ، 258 ބަސްތާ މެލަން، އަދި 257 ބަސްތާ ބަށި ހިމެނެއެވެ.
ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރަށް މުދާ އެތެރެކުރާ މިންވަރު، ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ މަހަކަށް ވާއިރު، ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މިގޮތުން، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ރައްކާތެރިކަމާއެކު އަވަހަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވެސް އެ ކުންފުނިން ވަނީ ގާއިމުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު