ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ފަދައިން ރާއްޖޭގައި މިނިވަން ޑިމޮކްރެޓިކް މާހައުލެއް ދަމަހައްޓަވަމުން ގެންވާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހެންވޭރު ހުޅަނދުގެ ދޮރުންދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކުރައްވާ ދެއްވި ޔަޤީންކަމަކީ ކޯޓުތަކަށާއި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒް ނުފޯރުވުންކަމަށާއި، ހަމަ އެވަގުތުން ފެށިގެންވެސް ސަރުކާރުން އެ ދާއިރާއަށް ނުފޫޒް ފޯރުވުން ނިމުމަކަށް އައިސްފައިވާކަމަށެވެ.
ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ތުހުމަތުކުރެވި ހައްޔަރުކުރެވިގެން އުޅޭ ތަނެއް ފެނިގެން ނުދޭ. އެއްވެސް މައްސަލައަކަށް ދިވެހި ސަރުކާރުން ވަދެގެން ނޫޅޭ..
ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވިއެވެ.
މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އަދި ސިޔާސީ ވާދަވެރިކަމެއްގައި އެއްވެސް މީހަކު ހިފައި ހައްޔަރު ނުކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެކި ޕްލެޓުފޯމްތަކުގައި ވަނީ ދެއްވާފައެވެ. އަދި މިޤައުމުގައި އޮންނާނީ މިނިވަން ޝަރުޢީ ނިޒާމެއްކަމށާއި، އެ ނިޒާމަށް މި ސަރުކާރުން ނުފޫޒް ނުފޯރުވާނެކަމަށާއި، އެކަން ކުރި މީހަކާމެދުވެސް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު