ދެއަހަރު ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އިސްތިއުމާރީ އިސްރާއީލުން މިސްރު-ޣައްޒާ ވަކިކުރާ އިމުގައި ހުންނަ ރަފަހް ދޮރާށި އަލުން ހުޅުވައިފިއެވެ.
ރަފަހް ދޮރާށި އަލުން ހުޅުވީ، ސަލާމަތީ ކަންކަމުގެ ޓެސްޓަކަށް ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
ދެ އަހަރަށްފަހު ރަފަހް ދޮރާށި އަލުން ހުޅުވިއިރު، އެ ދޮރާށީގެ ކޮންޓްރޯލް އިސްތިއުމާރީ ސިފައިންވަނީ ނަގާފައެވެ. މިސްރު ފަޅިން މިސްރު ސިފައިން ބަލަހައްޓަމުންދިޔަ ޒިންމާތައްވެސް އެމީހުން ވަނީ ނަގާފައެވެ. އެއީ ހަނގުރާމައިގެ ތެރޭގައި ރަފަހް ދޮރާށި ހިފުމަށް ފަހުގައެވެ.
ރަފަހް ދޮރާށި އިއްޔެ ހުޅުވި ނަމަވެސް، ޣައްޒާއިން މިސްރަށް އެތެރެވާން މިއަދު ހުއްދަ ދީފައިވަނީ އެންމެ 5 މީހުންނަށެވެ.
ރަފަހް ދޮރާށިން ބޭސްފަރުވާއަށް މިސްރުގެ ތެރެއަށް ދިއުމަށް އިސްރާއީލުން ހުއްދަ ދީފައިވަނީ އެންމެ 150 ބަލިމީހުންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކޮންމެ ބަލި މީހަކާއެކު އާއިލާ އިތުރު ދެމީހަކަށްވެސް މިސްރު ތެރެއަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެއެވެ.
ރަފަހް ދޮރާށިން މިސްރުގެ ތެރެއަށް މި ގެންދެވެނީ، ހަނގުރާމައިގެ ސަބަބުން ބޮޑެތި ޒަޚަމްތައް ލިބި ހާލު ނާޒުކުވެފައިވާ މީހުންނާއި، ހާޒުކު ހާލަތުގައި ތިބި ބަލިމިހުންނެވެ.
މިސްރު ތެރެއަށް ގެންދިއުމަށް އިސްރާއީލުން ހުއްދަ ދިނީ އެންމެ 150 ބަލިމީހުން ނަމަވެސް، ނާޒުކު ހާލަތުގައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށް، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ޣައްޒާގައި އެކަށިގެންވާ ފަރުވާ ނުދެވި، މިސްރަށް ގެންދެވޭނެ ކަމުގެ އުންމީރުގައި ތިބި 1،268 ނާޒުކު ބަލިމީހުން މަރުވެފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ރަފަހް ދޮރާށި ހުޅުވައި، ބައެއް ނާޒުކު ބަލިމީހުން މިސްރު ތެރެއަށް ގެންދިއުމުގެ ހުއްދަ އިސްރާއީލުން ދީފައިވާއިރު، މިސްރަށް ބޭސްފަރުވާއަށް ކުރިން ގެންދެވުނު މީހުންގެ ތެރެއިން 50 މީހަކު އެނބުރި ޣައްޒާއަށް އެތެރެވާންވެސް އިސްރާއީލުން ސެކިއުރިޓީ ކްލިއަރެންސް ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މިސްރުން އެނބުރި ޣައްޒާއަށް އައުމަށް ހުއްދަދިން 50 މީހުންގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭ ކަމަށް ވެއެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާ އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ބަންދުކޮށް ޣައްޒާ ހިސާރު ކޮށްފައި އޮންނައިރު، ރަފަހް ދޮރާށްޓަކީ ޣައްޒާއާއި ދުނިޔެ ގުޅުވާލަދޭ ހަމައެކަނި ދޮރެވެ.
ކިޔުންތެރިންގެ ހިޔާލު