އިސްތިއުމާރީ އިސްރާއީލުން އިއްޔެ ޣައްޒާގައި ހިންގި ވަރުގަދަ ލޭއޮހޮރުވުންތަކަށް ފަހު، މިއަދުވެސް ޣައްޒާއަށް ހަމަލާދީ މީހުން ޝަހީދު ކުރަމުން އެބަ ގެންދެއެވެ.
ޣައްޒާގެ މެދުތެރޭ ވާދީ ގާޒާއަށް މިއަދު ޑްރޯން ހަމަލާއެއް ދީ އެކަކު ޝަހީދު ކޮށްލާފައި ވާކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
އަދި މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް އެކި ގޮތްގޮތަށް ހަމަލާތައް ދެމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހާލުގައި ޖެހިފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށްވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވެވުނު ފަހުން އިއްޔެއަކީ އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގައި އެންމެ ބޮޑެތި ލޭއޮހޮރުވުންތައް ހިންގި ދުވަހެވެ.
ޣައްޒާގެ ދެކުނުގެ ރަށްތަކަށާއި، މެދުތެރޭ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދީ އިއްޔެ އެކަނިވެސް ތިރީސް ހަތްމީހުން ޝަހީދު ކޮށްލާފައި ވެއެވެ. އިއްޔެގެ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނެއެވެ.
އެމެރިކާއިން ނަމެއްގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށްފަހު ހަމާސްގެ ދެއަތާއި ދެފައި ބަނުމަށްފަހު، އިސްތިއުމާރީ އިސްރާއީލަށް ޣައްޒާގައި ބޭނުންހާ ކަމެއް ކުރުމަށް ވަނީ ފުރުސަތު ދީފައެވެ.
މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 10 ވަނަ ދުވަހު އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ ބާރުން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތަކާއި، އެއްގަމުމަގުން ހަމަލާދީ މިހާތަނަށް 510 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު އެއްހާސް ފައްސަތޭކައަށް އަރައެވެ.
ހަމަލާތަކުގައި ޝަހީދުކޮށްލި އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް އެތައް ކުޑަކުދީން ހިމެނެއެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމަށްފަހުވެސް އިސްތިއުމާރީ ބާރުން ތަކުރާރުކޮށް ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންދާ މައްސަލާގައި، ހަމާސްގެ ސިޔާސީ ގޮފީގެ މެމްބަރެއް ކަމަށްވާ ޚަލީލް އައް ޙައްޔާ އިއްޔެވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ޚަލީލް އަލް ޙައްޔާ ވިދާޅުވީ، އިސްތިއުމާރީ ބާރުން ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުން ގެންދަނީ، މުޅިން ދޮގު ތުހުމަތުތައް ކޮށް އޮޅުވާލައިގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު