މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް މާލޭގެ 21،521 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މާލެ ފްރަންޓްލައިން ޕޮލިސިންގ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރު 1 އިން 31 ގެ ނިޔަލަށް 5،701 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ. އެގޮތުން ކުށުގެ ރެކޯޑް އޮންނަ 5،023 މީހަކާއި، ރެކޯޑް ނެތް 678 މީހަކާ މި މުއްދަތުގައި ސުވާލުކޮށްފައިވެއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން ވަނީ 1،048 ގަޑިއިރާއި 43 މިނެޓު ވަންދެން ފައިމަގުގައި މާލެތެރެ ޕެޓްރޯލްކޮށް، މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކަށް ތުހުމަތުކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކަނޑައަޅާފައިވާ އައު ސިޔާސަތުގެ ދަށުން، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެހެން މަގުމަތީގެ ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު