ސަރުކާރުން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގައެވެ.
ސަރުކާރުން މި ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި %100 އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ޓެކްސީ ލައިންގެ ހިދުމަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ފެށޭނެ ކަމަށެވެ. އަދި މި އުޅަނދުތައް ގެންނާނީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައެވެ. ދެވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ހިޔާލު