ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ބަންގި ގޮވުމުގެ ޤައުމީ މުބާރާތް، “ނޫރުލް އަޒާން 1447″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި އަހަރުގެ މުބާރާތް ރާއްވަވާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލުވާގޮތަށް، ކޮންމެ އަތޮޅެއްގައިވެސް ވަކިން އޮޑިޝަންތައް ބާއްވާ ގޮތަށެވެ. މި އޮޑިޝަންތަކުން ކޮންމެ އަތޮޅަކުންވެސް އެންމެ މޮޅު ބައިވެރިޔާ ހޮވައި، އެ ބައިވެރިންނާއެކު މުބާރާތުގެ ފައިނަލް ބުރުތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހުގެ ތެރޭގައެވެ.
މުބާރާތުގެ އޮނިގަނޑު އެކުލަވާލެވިފައިވަނީ މައިގަނޑު ދެ ބުރެއްގެ މައްޗަށެވެ. ފުރަތަމަ ބުރުގައި ބައިވެރިންނަށް އެމީހަކު އަމިއްލައަށް ބޭނުންވާ ރާގަކަށް ބަންގި ގޮވުމުގެ އިޚްތިޔާރު ލިބިގެންދާއިރު، މި ބުރުގައި ފަނޑިޔާރުން މާކްސް ދެއްވުމުގައި ތަޖުވީދުގެ ހަމަތަކާއި، ރާގުގެ ފުރިހަމަކަމާއި، އަޑުގެ ސާފުކަމުގެ އިތުރުން ބަންގި ގޮވުމުގެ ސުންނަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެއެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 7 ބައިވެރިންނެވެ. މި ފައިނަލް ބުރުގައި ބައިވެރިން ބަންގި ގޮވަން ޖެހޭނީ ފަނޑިޔާރުން ކަނޑައަޅުއްވާ ޚާއްސަ މަޤާމުތަކަކަށް ނުވަތަ ރާގުތަކަކަށެވެ.
މި މުބާރާތަކީ ދިވެހި މުޖުތަމައުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް، ބަންގި ގޮވުމުގެ މަތިވެރި ފަންނާއި ހުނަރު ދިރުވައި އާލާކޮށް، މި ދާއިރާއިން ޤާބިލު ޒުވާނުން ބިނާކުރުމުގެ މަތިވެރި މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރަށްވީއިރު، މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގައި 40 އަށްވުރެ ގިނަ ޒުވާނުން ވާދަކޮށްފައިވެއެވެ. އެ މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ސުލައިމް މުޙައްމަދު ލަޠީފެވެ.
ކިޔުންތެރިންގެ ހިޔާލު