ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބަލި މީހުންގެ ގޭގެއަށް ގޮސްގެން ފަރުވާ ދިނުމަށްޓަކައި ‘ހޯމް ނާސިން ކެއާ’ ގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. މި ޚިދުމަތަކީ ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ބަލިމީހުންގެ ގޭގެއަށް ގޮސްގެން ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ.
މި ޚިދުމަތް ދިނުމަށާއި ހޮސްޕިޓަލުގެ އެކިއެކި ދަތުރުތަކުގައި ބޭނުންކުރުމަށް ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އައިޖީއެމްއެޗުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ދެ އެއާ ބްލޭޑާއި ތިން ސްކޫޕީ ސައިކަލެވެ. މި ތަކެތި ސަޕްލައިކޮށްދޭ ފަރާތުން ސައިކަލުތައް ރަޖިސްޓްރީކުރުމާއި، އިންޝުއަރެންސް އަދި އަހަރީ ފީ ފަދަ ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހެއެވެ.
މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:00 އަށް އައިޖީއެމްއެޗަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެއެވެ. ނަމަވެސް، މި ޚިދުމަތް ރަސްމީކޮށް ފަށާނެ ވަކި ތާރީޚެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު