ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދައުވާކޮށްފައި ވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2020 ޑިސެމްބަރު 30 ވަނަ ދުވަހުއެވެ.
އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުރި ޖުމްލަ 12 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފައެވެ.
އެގޮތުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހިމެނޭ ގޮތަށް، އަސީލްގެ މައްޗަށް ކުރި ހަތް ދައުވާ ވެސް ސާބިތުވެ 25 އަހަރާއި 10 މަހާއި 24 ދުވަހަށް އޭނާ ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލައިގައި ދެން ހިމެނޭ، އިސްމާއިލް ވަހީދަށް ކުރި ފަސް ދައުވާ ސާބިތުވެ، އޭނާ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު