އެއް ކޮޓަރީގެ ފުލެޓު ދޫކޮށްލުމުން އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އުސޫލަށް ގެނެސްފައިވާ އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލަށް ބަދަލުގެނެސް ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލުގައި ވާގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެއެވެ.
ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
މި ބަދަލު ގެނެސްފައި މިވަނީ މާލޭ ރައްޔިތުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުންތަކުގައި ގިނަ ބަޔަކު މި ބަދަލު ގެނެސްދިނުމަށް އެދިފައިވުމުންނެވެ.
މި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ. އެ މަޝްރޫއުތަކުން ދޫކުރާ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 15 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު