ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވައިފިއެވެ.
ބޯޒިޔާރަތަކީ ކުޅުދުއްފުށީ ހުޅަނގު ދެކުނު ދެކޮޅު ގައި ޒަމާނުއްސުރެ މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.
ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން މި ސަރަހައްދު އެކި ދުވަސްވަރުގައި ތަރައްގީ ކުރަމުން ދިޔަ ނަމަވެސް އެންމެ އެދެވޭގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު މި ސަރަހައްދު އޮތީ ތަރައްގީ ނުކުރެވިއެވެ.

އެހެންވެ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންގެ ޚިޔާލާއެކު ޑިޒައިންކޮށް 2025 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ބޯޒިޔާރަތް ހިމާޔަތް ކުރުމަށާއި މޫދަށްއެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް 3.3 މިލިއަން ރުފިޔާއަށް ބެންޒީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ.
އެއަށްފަހު، މެއި 2025 ގަައި ބޯޒިޔާރަތް ސަރަހައްދު ތަރައްގީ ކުރުމަށް 3.7 މިލިއަން ރުފިޔާ އަށް ޕްލަސްބީ އާއި ވަނީ ހަވާލުކޮށްފައެވެ.


މިތަނުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ދެ ފާޚާނާއާއި، ފީޑިން ރޫމް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މޫދަށް ފޭބުމަށް ރޭމްޕް، ވޮޗް ހަޓް، ބާބަކިއު ސަރަހައްދެއް، ހަތަރު ފެމިލީ ހަޓް، އިވެންޓްތައް ބޭއްވުމަށް ހާއްސަ ޑެކެއްގެ އިތުރުން ދެ ޝަވަރ އޭރިއާ، ސަރަހައްދު އަލިކުރުމަށް ދެ ލައިޓް ޕޯސްޓް، ގާޑަން ލައިޓް، ބެންޗް، އުނދޯލި ބަހައްޓައި އަދި ގޮނޑުދޮށް ހިމާޔަތްކޮށްފައިވެއެވެ.

1950 ގެ އަހަރުތަކުގައި އެ ސަރަހައްދަށް އިންސާނެއްގެ ބޯ ލެއްގުމުން އެ ސަރަހައްދުގައި އެބޯ ވަޅުލައި ޒިޔާރަތެއް ހަދާފައި ހުއްޓެވެ. މިހާދިސާ އާއި ގުޅިގެން މި ސަރަހައްދަށް ބޯޒިޔާރަތް ނަން ބޭނުންކުރަމުން އައިސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު