އައްޑޫ ގަމުގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އާ އިމާރާތެއް އަޅަން ވެމްކޯއާ ހަވާލުކޮށްފިއެވެ.
އެންޔަރަމެންޓް މިނިސްޓްރީން ބުނީ އާ އިމާރާތެއް އަޅަނީ މިހާރު ގަމުގައި ހިންގާ އެ އޮފީހުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ އަވަސް އިންޒާރުގެ ނިޒާމު “އާލީ ވޯނިން ސިސްޓަމް” އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި މޫސުމީ މައުލޫމާތު ދިނުމުގެ ހިދުމަތްތައް ހަރުދަނާކޮށް، އާންމުންނަށް ދޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ކުރާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތުގެ ސަބަބުން ގަން އެއާޕޯޓާއި އައްޑޫ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާ ބެހޭ މައުލޫމާތު އިތުރަށް ފުރިހަމަކޮށްދީ، އަވަސްކަމާ އެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު މެޓް އޮފީހެއް ނ. މާފަރުގައި ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދު އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެއެވެ.
ކިޔުންތެރިންގެ ހިޔާލު