ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ފީޑްބެކް ފޯމެއް އާއްމުކޮށްފިއެވެ.
ސްޓެލްކޯއިން ‘އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ޚިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އެކުލަވާލާފައިވާ މި އޮންލައިން ފީޑްބެކް ފޯމު މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރެވިފައިވާ ކަމަށެވެ. އަދި މި ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ޚިޔާލު ދިނުމަށް އާންމުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ފޯމުގައި ސްޓެލްކޯއިން އާންމުންގެ ޚިޔާލު ހޯދުމަށް ހިމަނާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ސްޓެލްކޯއިން ޚިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި، ސްޓެލްކޯއާ ދޭތެރޭ އިތުބާރު އޮތް މިންވަރު ހިމެނެއެވެ. މީގެ އިތުރުން، އެ ކުންފުނީގެ މަސައްކަތުގެ ސްޕީޑް، ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު، އަދި ކަސްޓަމާ ސާވިސްއާ މެދު ދެކޭ ގޮތް ވެސް ވަނީ ހިމަނާފައެވެ.
އަދި ޚިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި، ޚިދުމަތް ފޯރުކޮށްދިނުމުގައާއި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރާ ގުޅޭގޮތުން ވެސް ފޯމުގައި ސުވާލުކޮށްފައިވެއެވެ.
އެ ކުންފުނީގެ ޚިދުމަތް ދިނުމަށް ރަނގަޅު ކުރަންޖެހޭނެ ކަމަށް ފާހަގަކުރެވޭ ކަންކަން ބަޔާންކުރުމުގެ ފުރުސަތު ވެސް މި ފޯމުގައި ވަނީ ހިމަނާފައެވެ. އަދި ސްޓެލްކޯއިން ޚިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއް ވާނަމަ އެ ތަޖުރިބާ ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު